ފަލަޞްޠީނުގެ ހިތްދަތި ޙާލަތާ ގުޅިގެން އެ ޤައުމަށް މިނިވަންކަމާއި އަމާންކަން މިންވަރުކޮށްދެއްވުމަށް އެދި ގުނޫތު ނާޒިލާ ކިޔުމަށް މިއަދު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ގުނޫތު ނާޒިލާއަކީ މުސީބާތެއް ކުރިމަތިވާ ދަނޑިވަޅުގައި އެ މުސީބާތަކުން އަރައިގަތުމަށްކިޔޭ ޚާއްސަގުނޫތެކެވެ. މީގެ ކުރިންވެސް ފަލަސްތީނުގެ ޙާލަތާ ގުޅިގެން ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވަނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދަށްފަހު ކަމަށެވެ. އަދި މިއަދު މިކަން ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއްފަދަ ބައެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިދަނޑިވަޅުގައި އިޚުލާސްތެރިކަމާއެކު ދުޢާކުރަންޖެހޭކަމަށެވެ.