ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާ ދިނުމަށްފަހު ރަނގަޅުވުމުން އެތަނުގައި ބައިތިއްބާނެ ވަކި މުއްދަތެއް ކަނޑައަޅަން ނިންމާފައިވާކަމަށް އާއިލާތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެކި މައްސަލަތައް ދިމާވެ ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާ ދިނުމަށްފަހު ރަނގަޅުވުމުންވެސް އެމީހުންނާއި އާއިލާއިން ހަވާލު ނުވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. މީގެ ސަބަބުން އެމީހުންނަށް ނަފްސާނީ އެހެން މައްސަލަތަކާއި ކުރިމަތިލާން ޖެހޭތީ ވުޒާރާއިން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.
އާއިލާތަކާއި ބެހޭ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް ވިދާޅުވީ އެ މިނިސްޓްރީން ބެލި އިރު އެންމެ މުހިންމު ކަމަކަށް ފާހަގަވީ އެ ތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން ޖެހޭކަން ކަމަށެވެ. އެގޮތުން ވުޒާރާއިން ކުރި މަސައްކަތުން އެ މީހުންނަށް ބޭނުންވާ އެނދާއި ސާފު ބޯފެން ތިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާމިނަތު ވިދާޅުވީ ފަރުވާއަށްފަހު ބައެއް މީހުންނަށް 20 އަހަރުގެ މުއްދަތަކަށްވެސް ގުރައިދޫ މަރުކަޒުގައި ތިބެން ޖެހޭ ކަމަށެވެ. މިމައްސަލަ ހައްލު ކުރުމަށް ގާނޫނީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަން ހިމަނައިގެން މަސައްކަތް ކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ތިބި މީހުންގެ އާއިލާތައް ހޯދުމާއި އެ އާއިލާތަކަށް ބޭނުންވާ އެހިތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
ގުރައިދޫ މަރުކަޒުގައި މިވަގުތު 221 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ 183 މީހުންނާއި އުމުރުން ދުވަސްވީ 13 މީހުންނެވެ. މީގެ އިތުރުންވެސް 15 މީހުން އެނދުމަތިވެފައި އެބަ ތިއްބެވެ.