އިންޑިއާ ސަރުކާރުގެ އެހީގައި ކަސްޓަމްސްގައި މަސްތުވާތަކެތި ޓެސްޓް ކުރަން ލެބޯރެޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ކަސްޓަމްސްގެ ވެރިން ހާޒިރުކޮށް އެ އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ ކަސްޓަމުގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެއްޗާ މެދު އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މާނިއު ވިދާޅުވީ އެކަން ކުރާނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށެވެ. އެއަށް ފަހު ވިދާޅުވީ ޑްރަގު ޓެސްޓު ކުރެވޭނެ ލެބެއް ގާއިމްކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށެވެ.
"ކަސްޓަމުން ހިފަހައްޓާ މަސްތުވާތަކެތި ކަސްޓަމުގެ ބެލުމުގެ ދަށުގައި ބަހައްޓަން އަޅުގަނޑުމެން ބޭނުން. އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެބަ ސްޓޭޓް އޮފް ދަ އާޓް ލެބޯރެޓަރީއެއް އިންޑިއާ ސަރުކާރުން ކަސްޓަމްސް ތެރޭގައި އެބަ ހައްދަވާ" މާނިއު ވިދާޅުވި އެވެ.
ކަސްޓަމުން އަތުލައިގަންނަ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ނިމެންދެން އެފަދަ ތަކެތި ބަހައްޓާކަން ފާހަގަކުރަމުން މާނިއު ވިދާޅުވި ގޮތުގައި އެގޮތަށް އަތުލައިގަނެވޭ ތަކެތި ޓެސްޓު ކުރުމަށްފަހު 24 ގަޑިއިރަށް ވުރެ އިތުރަށް ބެހެއްޓުމުގެ ބޭނުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގަ އެވެ.