ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ އިސްލާހު އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު އެވެ.
އެ ބިލް ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރުމަށްފަހު މިއަދު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 74 މެންބަރެކެވެ. އޭގެ ތެރެއިން 67 މެންބަރަކު ފާސްކުރަން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 7 މެންބަރުންނެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން 60 ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.
ކައުންސިލުތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ބައި-އިލެކްޝަންތައް ބާއްވަން ޖެހެ އެވެ.
އެކަމާ ގުޅިގެން ޝަފީއު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އޭގެ ސަބަބުން ހަރަދުތައް އިތުރުވަމުންދާތީ ކައުންސިލްގެ ގޮނޑި ހުސްވާތާ 183 ދުވަސް ތެރޭގައި އެ އިންތިހާބު ބޭއްވުމަށް އިތުރުކުރުމަށެވެ.
އެހެންނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން އެ އިސްލާހުގައި ބުނެ އެވެ.
އެ އިސްލާހާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހިމް ހުށަހެޅުއްވި އެވެ.
އެ އިސްލާހަށް ވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު ފާސްވެފައިވަނީ 67 މެންބަރުގެ ވޯޓުންނެވެ. އެ ވޯޓުގައި 75 މެންބަރަކު ބައިވެރިވެފައިވާއިރު 8 މެންބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.
އެ ހުށަހެޅުމުގައި ބުނެފައިވަނީ އެ އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު ދެ ފަހަރު ކަމަށާއި ދެ ބައި-އިލެކްޝަން ދެމެދުގައި 183 ދުވަހަށްވުރެ ދިގު އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.