މާލޭގައި ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށް މަގުމަށްޗަށް ނެރެ ވަޅިން ބިރުދެއްކި ފިރިހެނަކު ފުލުހުން ބާރުގެ ބޭނުން ކުރުމަށްފަހު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރަހީނު ކޮށްފައި ހުރި އަންހެންމީހާއަށް ގޭތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާކޮށްފައިވާކަމަށެވެ.
ފުލުހުން އަންހެންމީހާ ސަލާމަތް ކުރަން އުޅެފިނަމަ އަންހެންމީހާމަރާލާނެކަމަށް ބުނެ އަންހެންމީހގެ ކަރުގައި ވަޅިޖައްސައިފުލުހުންނަށް އިންޒާރުދީ އަނެއްކާވެސް އަންހެންމީހާ ގޭތެރެއަށްވައްދައި އަނިޔާކުރުމަށްފަހު އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ބާރުގެ ބޭނުން ކުރަންޖެހުނީ އަންހެންމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އަންހެން މީހާގެ ކަރުގައި ވަޅިޖައްސައިގެން އޭނާ ލައްވައި ސައިކަލް ދުއްވަނިކޮށް ފުލުހުން ވަނީ ސައިކަލު ހުއްޓުވައިފަ އެވެ. އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ވަނީ ފިރިހެންމީހާގެ ބޮލުގައި މުގުރުބުރިން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފައެވެ.
ފުލުހުން ބުނީ އަންހެން މީހާއަށް މިވަގުތު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފިރިހެންމީހާ އަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ އިންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ދަނީ ހަދަމުންނެވެ.