މޮނިޓަރިންގައި ނެތް ރަށްތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދެމުންދަނީ ރައްކާތެރިކަމަށް ބެލުމަށްފަހު އާއްމުންނަށް ދިމާވަމުންދާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފެތުރެމުން ދާން ފެށުމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ދަތުރުކުރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވަމުން ދިއުމާއި ގުޅިގެން ފިޔަވަޅުތައް މަޑުމަޑުން އަންނަނީ ލުއިކުރަމުންނެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި ނުވާ، ރާއްޖޭގައި މީހުން ދިރިއުޅޭ އެއްރަށުން އަނެއްރަށާ ދެމެދު އަޅާފައިވާ ފިޔަވަޅު މިއަދުން ފެށިގެން އުވާލާ، އާންމުކޮށް ދަތުރުފަތުރު ކުރުމަށްވަނީ ހުޅުވާލާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ނެތް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މިހާރު ކަރަންޓީން ވާން ނުޖެހޭ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ ކޭސްތައް ދައްވަމުން ދާތީ ފިޔަވަޅުތަކަށް ލުއި ދިނީ ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި ނުވާ، މީހުން ދިރިއުޅޭ އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު މިހާރު ކުރެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިގޮތަށް ލުއިތަކެއް ދިން ނަމަވެސް މާސްކް އެޅުމާއި 3 ފޫޓުގެ ގައިދުރުކަމެއް ބެހެއްޓުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އާންމު އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވެއެވެ.