ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެ ބިލަކީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި ބިލެކެވެ. އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫން ވެސް ހައްގުތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމެވެ.
އޭގެ އިތުރުން ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި އެ ހައްގުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީވެސް އެ އިސްލާހުގެ މަގުސަދެކެވެ.
އެ އިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި ޕާފޯމަންސްތަކާއި އަޑުގެ ރިކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެ އެވެ.
އެ ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެންނޫން ކަމަށާއި އުފެއްދުމެއް އުފެއްދީތީވެ, އުފެއްދުމެއް ހިމާޔަތްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެ އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އެ ހައްގު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބޭނެ އެވެ.
އެ އިސްލާހު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.