އިޒްރާއީލުގައި މިހާރު އުފެދިގެން އުޅޭ ކޮވިޑް-19 ރާޅުގައި ޕޮޒިޓިވް ވަމުންދާ ދެބައިކުޅަ އެއްބައި މީހުން ތިބީ ކޮވިޑް ދިފާއު ވެކްސިން ޖަހައިގެންކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އިޒްރާއީލުގައި ކޮވިޑު ފެތުރެން ފަށާފައިވާއިރު މިހާރު ބަލި ޖެހޭ މީހުންގެ ގާތްގަަނޑަކަށް 90 އިންސައްތަ އަކީ އިންޑިއާއިން ފެނުނު ކޮވިޑް ވޭރިއެންޓު ނުވަތަ ޑެލްޓާ ވޭރިއެންޓު ޖެހޭ މީހުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަލި ޖެހޭ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތިބީ ވެކްސިން ޖަހައިގެންނެވެ.
އިޒްރާއީލުގައި ދެމުން ދަނީ އެމެރިކާއިން އުފައްދާ ފައިޒާ ވެކްސިނެވެ. އެހެންނަމަވެސް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ އެވެ. އެގައުމުގައި ވެކްސިން ދެނީ 16 އަހަރުން މަތީގެ މީހުންނަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އިޒްރާއީލު ސަރުކާރުން ވަނީ 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ. އެގައުމުން މިގޮތަށް ނިންމީ ސްކޫލުތައް ހުޅުވިފައިވަނިކޮށް ކޮވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލް ނުވެދާނެތީ އެވެ.
މި ހިނގާ ޖޫން މަހު ދުވާލަކަށް އެވަރޭޖްކޮށް 10 މީހުން އިޒްރާއީލުން ބައްޔަށް ޕޮޒިޓިވްވި އެވެ. މިހާރު އެގައުމުގައި 200 އެއްހާ މީހުންނަށް މި ރާޅުގައި ކޮވިޑު ޖެހިއްޖެ އެވެ.
މިދިޔަ އަހަރު އިޒްރާއީލުގައި ކޮވިޑުގެ ދެ ރާޅެއް އުފެދި ގައުމު ލޮކްޑައުންވެސް ކުރި އެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ކޭސްތައް މުޅިންހެން ވަނީ މަދުވެފަ އެވެ. އިތުރު ރާޅެއް އުފެދުނީ ވަރަށް ބޮޑަށް ލުއި ދީ މާސްކު އެޅުންވެސް މަޖުބޫރު ނުކުރަން ސަރުކާރުން ނިންމާފައި އޮއްވަ އެވެ.
އިޒްރާއީލުގެ ސިއްހީ އިދާރާއިން ބުނީ އިންޑިއާ ވޭރިއެންޓު އެގައުމުގައި ފެތުރެން ފެށުމާއިއެކު ބަލި ފެތުރޭ ދުވެލި އިންތިހާއަށް އަވަސްވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.