މިއީ ސަރުކާރުން ފަހަތުފަޔަށް ބުރަވާންވީ ވަގުތު ނޫން ކަމަށާއި، ރާއްޖެ ސަލާމަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ނިކުމެވަޑައިގަންނަވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 16 ވަަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމު "ކްލަބް ހައުސް" ގައި "އެމްޑީޕީ ހަރުގެ" އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޓެރަރިޒަމްގެ ހަމަލާތަކާއި ގުޅިގެން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި ބްރިޖު އެޅުމާއި ބޯހިޔާވެހިކަން ފޯރުކޮށްދިނުމާއި ދަރިންނަށް ކިޔަވައި ދިނުމާއި މަތީ ތައުލީމް ހާސިލް ކޮށްދިނުން މުހިންމު ވާފަދައިން ދިރިހުރުމާއި ސަލާމަތުން ހުރުމުގެ ހައްގު އެއަށްވުރެއް އަދި މާ ބޮޑުކަމަށެވެ.
އެހެންކަމުން މިއީ ސަރުކާރުން އެއްގޮތަކަށް ވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކަމަށާއި ކުއްލިއަކަށް ގެންނަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ގޮވައިލެއްވީ ގިނަ ބަޔަކު އެއްފަހަރާ ހައްޔަރު ކުރުމަށެވެ. އެއީ ދުވަހަކުވެސް ވަކާލާތު ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫންނަމަވެސް މިއަދު އެކަން ކުރަންޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ
- މަޖިލިސް ރައީސް މުހައްމަދު ނަޝިދު
ރައީސް ސޯލިހަށް އިލްތިމާސް ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ސަލާމަތް ކުރުމަށް މިހާރު ނިކުންނަވަން ޖެހޭ ކަމަށެވެ. ރޭގެ ވާހަކަފުޅުގައި ނަޝީދު ވަނީ ބިރުވެރިކަން އިތުރުވެ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލު އިތުރަށް ފުޅާވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އެގޮތުން ވިދާޅުވީ ކުށުގެ ވެށީގެ ތެރެއަށް ޓެކްނޮލޮޖީ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ވަދެ، ފިކުރީ ހަނގުރާމައަކަށް އެކަން ހަދާފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ވެސް މުޖުތަމައު ތެރޭގައި ދޭން ފަށާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ފެނިވަޑައިގަންނަވަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހަމަލާއެއް ދިނުމަށް މީހަކު ޖާނުން ފިދާވުމުގެ ކުރިން އެ މީހާ ހަދައި ބޮމުގެ ޓެކްނޮލޮޖީ ދެނެގަނެގެން އެ ޓެކްނޮލޮޖީ ލިބިފައި ހުރި ފަރާތްތައް ހޯދައި އެ ފަދަ ހުރިހާ އެންމެން ގެންގޮސް ގެންގުޅެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ވާހަކަފުޅުގައި ނަޝީދު ވަނީ ކޯޓުތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން 15 ދުވަހުގެ މުއްދަތެއް ޖަހާފައި ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށާއި އެކަން ފަނޑިޔާރުންނަށްވެސް އިންގެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމަށް ދިމާވެގެން މި އުޅެނީ ކުޑަ ކަމެއް ނޫން. މިއަދު 15 ދުވަސް، 10 ދުވަސް 5 ދުވަސް ޖަހައި ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭ ގޮތް ހައްދަވައިގެން ނުވާނެ
- ރައީސް މުހައްމަދު ނަޝީދު
ނަޝީދު ކްލަބް ހައުސް މެދުވެރިކޮށް ވާހަކަ ދެއްކެވީ ޖަރުމަނުގައި ހުންނަވަ އެވެ. މިދިޔަ މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނުގެ ފުރާނަފުޅު ދުއްވައިލަން ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައި ހުންނެވިއިރު އަންނަ މަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރު ކުރި ނަމަވެސް އަދިވެސް ތަހުގީގު މުޅިން ނުނިމެ އެވެ. މި ހަަމަލާ ދިނުމުގެ އަޑީގައި ތިބި ބަޔަކު ފުލުހުންނަށް މިހާތަނަށް ހޯދިފައި ނުވާއިރު މި ހަމަލާގައި ސަލާމަތީ ބާރުތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތްވެސް ދަނީ ބަލަމުންނެވެ. އެމައްސަލައިގެ އިންކުއަރީ ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.