މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކަލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ. ހަސަން ނަޒީޙް، 32، އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ނަޒީހް ހައްޔަރުކޮށް، އޭނައާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށް ވުރެ ގިނަ އެވެ.
މި މައްސަލައާ ގުޅިގެން ހަސަން ނަޒީޙްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.