އެއްކޮށްލެވުނު ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓު ފުރިހަމައަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ދެމިނިސްޓްރީގެ މެންޑޭޓް އެއްކުރުމަށްފަހު ޓުއަރިޒަމް އެންޑް އެންޔަރަމަންޓް މިނިސްޓަރުކަމަށް އައްޔަން ކުރެވުނު ތޯރިގް އިބުރާހިމް ވިދާޅުވެއްޖެއެވެ.
މަގާމާ ހަވާލުވުމަށްފަހު ދުވަހު ނޫސް "މިހާރު" އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، މިނިސްޓަރު ވިދާޅުވީ މެންޑޭޓު ތަންފީޒުކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މަސައްކަތްތައް ކާމިޔާބުކުރެވޭނެ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ތިމާވެށީގެ މަސައްކަތްތައް ކުރިއަށްދަނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި، ޓޫރިޒަމްގެ މެންޑޭޓުތައް ދެނެގަތުމަށްފަހު އެ މިނިސްޓްރީގެ މަސައްކަތްތައް ވެސް ވަކި އުސޫލުތަކެއްގެ ތެރެއިން ރާވައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓްރީއާ ހަވާލުވެވަޑައިގެން 48 ގަޑިއިރު ވެފައިވާއިރު، މިހާރު ކުރިއަށްދަނީ ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ބެލުމަށް ކަމަށްވާތީ، ޓޫރިޒަމާއި ތިމާވެށި ވަނީ ގުޅިލާމެހިފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރިސޯޓުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.