ގާޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު 19 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގާޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް. ގާޒާއިން ފަލަސްތީން ބޭލުމަށް އެއްވެސް ފަރާތަކުންކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ އިރުމަތީ ޖެރުސެލަމްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށެވެ.