ރ. އަތޮޅު މީދު އާއި މަޑުއްވަރީގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ އަތޮޅުގެ ތަވާތާ އާއި އުފުލަންދޫ އެ ދެ ރަށަށް ދޫކޮށްފި އެވެ.
ރައީސް މުއިއްޒު މިއަދު އިއްޔެ ނެރުއްވި ގަރާރެއްގައި ބުނީ އުފުލަންދު އަކީ މަޑުއްވަރީގެ ބައެއްގެ ގޮތުގައި އަދި ތަވާތާ އަކީ މީދޫގެ ބައެއްގެ ގޮތުގައި މޮހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތަށް ރައީސް ނިންމެވީ ދާދި ފަހުން ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާއި ކައުންސިލުން އެދިވަޑައިގަތުމާ ގުޅިގެންނެވެ.
އިގުތިސާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލު ކުރުމަކީ އާންމު ސިއްހަތަށް ވެސް އެންމެ ރަނގަޅު ހައްލު ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް މި ރަށްތަކަށް ބަދަލުކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
މަޑުއްވަރީ ކައިރީގައި އޮންނަ އުފުލަންދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ގެސަރުކާރުން ޓޫރިޒަމަށް ދޫކުރި އެވެ. އެ ރަށް ކައުންސިލާ ހަވާލުކޮށްފައިވާ މުއްދަތު ހަމަވާން އަދި ތިން އަހަރު އެބައޮތެވެ.
މީދޫ އަށް ދޫކުރި ތަވާތާ އަކީ ވެސް ކުރީ ސަރުކާރުން ރިސޯޓެއް ހެދުމަށް ދޫކުރި ރަށެކެވެ. ނަމަވެސް މި ސަރުކާރުން އޮތީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.