ހުޅުމާލެ އަށް ރަޖިސްޓްރީ އޮންނަ މީހުންގެ އައިޑީ ކާޑުތަކުގައިހުޅުމާލެ ލިޔުމުގެ ބަދަލުގައި ކުރުކޮށް "ހމ." ޖަހަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ އެހެން އަވަށްތަކުގެ ނަން އައިޑީ ކާޑުގައި މިހާތަނަށް ވެސް ޖަހަމުން ގެންދިޔައީ ކުރުކޮށް އެ އަަވަށެއްގެ ނަން ފެށޭ އަކުރު ނުވަތަ ފެށޭ ދެ އަކުރު ޖަހައިގެން ކަމަށެވެ. އެހެންވެ އައިޑީކާޑުގައި ހުޅުމާލެ ލިޔާއިރު ވެސް އެ އުސޫލުން ކުރުކޮށް އަކުރު ހިމަނައިގެން ޖެހުމަށް އެދި މާލޭ ސިޓީ ކައުންސިލުން ސިޓީއަކުން ރަސްމީކޮށް ހުށަހަޅާފައިވާތީ ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ." އަދި އިނގިރޭސިން "HM" ޖަަހަން ނިންމާފައިވާ ކަމަށް ޑީއެންއާރް އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ މި ބަދަލި ގެންނަން ނިންމި ނަމަވެސް ހުޅުމާލެ އަށް ރަޖިސްޓްރީ އޮންނަ މީހުން މިހާރު ހައްދާފައިވާ އައިޑީ ކާޑުތައް އެ ކާޑުތަކުގެ މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށެވެެ.