ގާތްގާތުގައި ދެ ކަރަންޓް ބިލު ފޮނުވަނީ ރޯދަ މަހުގެ ކަރަންޓް ޑިސްކައުންޓް ދިނުމަށް ބެކްލޮގް ފިލުވަން ކަމަށާއި ބިލުތައް ދެއްކުމަށް ޖޫރިމަނާ ނާރާ ގޮތަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ ގެ އެމްޑީ "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ދެ ބިލް ފޮނުވަން ޖެހުނު ސަބަބު ސާފުކޮށްދެއްވާފައެވެ.
ފަހުމީ ވިދާޅުވީ ގާތް ގާތުގައި ދެ ބިލު ފޮނުވުމަކީ ކުރިއާލާ މީޑިޔާތައް މެދުވެރިކޮށް ހާމަކޮށްފައިވާ ކަމެއްކަން ކަމަށާއި ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވައިނުލާނެކަމަށެވެ.
ދެ ބިލަކީ އެއް ޔޫސޭޖަކަށް ކުރާ ބިލުތަކެއް ނޫންކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ ބިލް ކުރަނީ ކޮން މުއްދަތެއްކަން ބިލުން ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
ދެ ބިލަކީ ސްޓެލްކޯއިން ރީޑިން ނެގުމަށްފަހު ބިލް ފޮނުބުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ބެކް ލޮގް ސާފުކުރުމަށް ފޮނުވާ ބިލެއް ކަމަށާއި އެބިލު ދެއްކުމުގައި ކަސްޓަމަރުންނަށް މާލީ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން، ބިލުތައް ދެއްކުމަށް ޖޫރިމަނާ ނާރާ ގޮތަށް 30 ދުވަހުގެ މުއްދަތެއްވެސް ދީފައިވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މިގޮތަށް ދެ ބިލް ފޮނުވުމުގެ މަގުސަދުކަމަށް ފަހުމީ ފާހަގަކުރެއްވީ މުލަ ރޯދައިން ފެށިގެން ރޯދަމަހުގެ ބިލުތައް އެއް މަހުގެ ބިލުގެ ގޮތުގައި ތައްޔާރުކޮށް، އެބިލުގައި ސަރުކާރުން ދޭ ޑިސްކައުންޓު ޝާމިލުކުރުމެވެ. އަދި ކުރިން އޮތް ބެކްލޮގާއެކު ރޯދަމަހުގެ ބިލު ފޮނުވައިފިނަމަ ޑިސްކައުންޓު ލިބޭނީ ރޯދަމަހުގެ އެއްބަޔަށްކަން ފަހުމީ ފާހަގަކުރައްވާފައިވެއެވެ.