ދިވެހިރާއްޖެއިން ފިލިޕީންސް، ސްޕެއިން އަދި ނިއުޒިލެންޑަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކަށް ރުހުން ދީފިއެވެ.
މިގޮތުން ފިލިޕީންސަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ މިހާރު މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރްޔަމް ޝަބީނާ އަޙްމަދުގެ ނަމެވެ.
މީގެ އިތުރުން، ރައީސް ވަނީ ސްޕެއިނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަން އަދި ނިއުޒިލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ލުވޭޒުގެ ނަން ހުށަހަޅުއްވައިފައެވެ.
މީގެ ތެރެއިން ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ފިލިޕީންސްގެ ނޮން-ރެސިޑެންޓް ސަފީރަކަށް ޢައްޔަންކުރަން ފެންނަ ކަމަށް 54 ވޯޓު ލިބުނުއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެންބަރެކެވެ.
މީގެ އިތުރުން، ސްޕެއިންގެ ނޮން-ރެސިޑެންޓް ސަފީރަކަށް އިރުތިޝާމް އާދަމް ޢައްޔަންކުރަން ފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.
އަދި މުޙައްމަދު ލުވޭޒު ނިއުޒިލެންޑްގެ ނޮން-ރެސިޑެންޓް ސަފީރަކަށް ޢައްޔަންކުރަން ފެންނަ ކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.