ބޮލީވުޑް އެކްޓަރު ސުނިލް ޝެއްޓީގެ ދަރިފުޅު އަހާން ޝެއްޓީ އާޝިގީ 3 އަށް ސޮއިކޮށްފި އެވެ.
ސާޖިދު ނަޑިއަޑްވާލާގެ "ތަޑަޕް" އިން ބޮލީވުޑަށް ތައާރަފުވާ އަހާން އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. އިންޑިއާގެ ސިނަމާތައް ހުޅުވަންދެން އެފިލްމު ވަނީ ރިލީޒް ކުރުން ފަސްކޮށްފަ އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި "އާޝިގީ 3" އަށް އަހާން ސޮއިކޮށްފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. "ތަޅަޕް" އަކީ އެކްޝަން ފިލްމެއް ކަމުން ދެވަނަ ފިލްމަކީ ލޯބީގެ ފިލްމަކަށް ވާން އަހާން ބޭނުންވި ކަމަށާއި "އާޝިގީ" ފަދަ ލޯބީގެ ފްރެންޗައިޒް އަކުން އޭނާއަށް ފުރުސަތު ލިބިގެން ދިޔުން ވެގެން ދާނީ އެންމެ ރަނގަޅު ފުރުސަތަށް ކަމަށް އޭނާ ދެކެ އެވެ.
މަހޭޝް ބަޓް ޕްރޮޑިއުސް ކުރާ "އާޝިގީ" ގެ ފުރަތަމަ ފިލްމު ޑައިރެކްޓު ކުރީ އޭނާ އަމިއްލައަށެވެ. އެފިލްމަކީ 1990 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ލީޑް ރޯލުން ފެނިގެން ދިޔައ ރާހުލް ރޯއީގެ އިތުރުން އަނޫ އަގަރްވާލް އެވެ. އެ ފްރެންޗައިޒްގެ ދެވަނަ ފިލްމު ރިލީޒްކުރީ 2013 ވަނަ އަހަރު އެވެ. އެފިލްމު ޑައިރެކްޓު ކުރީ މޯހިތު ސޫރީ އެވެ. ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދި އެ ފިލްމުގައި ލީޑް ރޯލުން ފެނިގެން ދިޔައީ އަދިއްތިޔަ ރޯއީ ކަޕޫރުގެ އިތުރުން ޝްރައްދާ ކަޕޫރު އެވެ.
"އާޝިގީ 3" ގައި ލީޑްރޯލުން ފެންނާނީ ސިއްދާރްތު މަލޯތުރާ ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. އަދި ބަތަލާގެ ރޯލު ކުޅޭނީ ޕްރޮޑިއުސަރު މަހޭޝްގެ ދަރި އާލިއާ ބަޓް ކަމަށްވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް މިހާރު ރިޕޯޓުތައް ބުނާ ގޮތުން ފިލްމު ލީޑު ކުރާނީ އަހާން އެވެ. ބަތަލާގެ ރޯލުން އާލިއާ ފެނިގެންދާނެކަމެއް ނުވަތަ ނޫންކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ.
މި ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ މޯހިތު ސޫރީ އެވެ. އެހެންނަމަވެސް ޑައިރެކްޓު ކުރާނީ އޭނާ ކަން މުޅިން ކަށަވަރު ނުވާއިރު ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިފިލްމު ޝަޝަންކް ހައިތަން ޑައިރެކްޓު ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
ފިލްމުގެ މަސައްކަތް ފަށާނެ ތާރީހެއް އަދި ކަނޑައަޅައިފައެއް ނުވެ އެވެ.