ގިނަ އަދަދަކަށް ހަކުރު ހިމެނޭ މޭވާއެއް ކަމަށްވާ އަނބުގައި ހަކުރު ނުހިމެނޭނެހެން އަނބު އުފައްދަން ފަށައިފި އެވެ.
ޕާކިސްތާނުގައި މިމަސައްކަތް ފެށީ ސައިންސްވެރިން އީޖާދު ކުރި އާ އުކުޅެއް ބޭނުންކޮށްގެން ހާއްސަ ދަނޑުތަކެއްގަ އެވެ. އަނބުގައި ހަކުރު ނުހިމެނޭގޮތަށް ގޮވާންކުރަން ފެށީ ޑައިބެޓީކްސް ހުންނަ މީހުންނަށް ހާއްސަކޮށްގެންނެވެ.
ހަކުރު ނުހިމެނޭ ގޮތަށް ތިން ވައްތަރެއްގެ އަނބެއް ދަނީ އުފައްދަމުންނެވެ. އެއީ ސޮނާރޯ، ގްލެން އަދި ކެއިޓް އެވެ. މިއިން ކޮންމެ ބާވަތެއްގައި ހަކުރު ހިމެނެނީ ހަތަރު އިންސައްތަ އާއި ހަ އިންސައްތައާ ދެމެދަށެވެ.
ސައިންސްވެރިންގެ ހާއްސަ އުކުޅެއް ބޭނުންކޮށްގެން އަނބާއި ދޮންކެޔޮ އުފެއްދުމުގެ ހުއްދަ ޕާކިސްތާނު ސަރުކާރުން ދިނީ ސިތާރާ އިމްތިޔާޒް ކިޔާ މީހަކަށެވެ. އޭނާ މަރުވުމާއި ގުޅިގެން ގުލާމް ސަރުވާރު ކިޔާ މީހަކު އެހުއްދައިގެ ދަށުން މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް އޭއާރުވައި ނިއުސްގައި ވަނީ ބުނެފަ އެވެ.
ގުލާމް ސަރުވާރު ބުނި ގޮތުގައި އޭނާ މިމަސައްކަތް ފަށައި އެކި ގައުމުތަކުން އެކި ބާވަތުގެ އަނބު ގެނަސް ހައްދަން ފެށި އެވެ. އަދި މިމަސައްކަތް މިވަގުތު ކުރިއަށް ދަނީ ސަރުކާރުގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ކަމަށްވެސް އޭނާ ބުންޏެވެ.
ސަރުވާރު ބުނީ ހަކުރު ހިމެނޭ މިންވަރު ދަށްކޮށް މޭވާ އުފެއްދުމުގެ ބޭނުމަކީ ޑައިބެޓީކްސް ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް މޭވާ ކެވޭނެ ގޮތް ހެދުމެވެ. އަދި މޭވާގެ އިތުރު ވައްތަރުތައް އުފެއްދުމެވެ.
ޕާކިސްތާނުގެ މާރުކޭޓުތަކުންވެސް މިހާރު ލިބެން ހުންނަ މި ބާވަތުގެ އަނބުތަކުގެ ތެރެއިން ކެއިޓްގައި ހަކުރު ހިމެނެނީ 4.7 އިންސައްތައަށެވެ. އަދި ސޮނާރޯ އަދި ގްލެންގައި ހަކުރު ހިމެނެނީ 5.6 އިންސައްތައާއި 6 އިންސައްތަ އަށެވެ.
މިބާވަތުގެ އަނބު ވިއްކަނީ ކިލޯއެއް 150 ރުޕީސް އަށެވެ.