މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅުންހުރި 8 މީހެއްގެ ތަހުގީގު ކުރިއަށް ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ 8 މީހެއްގެ ތަހުގީގު ކުރިއަށް ދާއިރު އޭގެ ތެރެއިން 4 މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
"މީގެ ދެދުވަސްކުރިން އަޅުގަނޑަށް ޕޮލިހުން ދެއްވި އަޕްޑޭޓުގައި ވާގޮތުން މިކަމާ ސީދާ ގުޅުންހުރި 8 ފަރާތެއްގެ ތަހުގީގު މިހާރު ބާރަށް ކުރިއަށް އެބަ ދޭ. އޭގެ ތެރެއިން 4 ފަރާތެއްގެ ތަހުގީގު ނިންމާ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވޭނެ ކަމަށް އެބޭފުޅުން ވިދާޅުވެފަ ވޭ"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ މިތަހުގީގު މިހާ ހިސާބުން ނިންމައިނުލާނެ ކަމަށާއި ހަމަލާގެ ވަށައިގެން ހުރި ކަންކަން ބަލައި މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ. ތަހުގީގު ކުރިއަށް ދާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އޭޖެންސީތައް އިސްލާހުކޮށް ގެންނަވަންޖެހޭ ބަދަލުތައް ދެނެގަތުމަށް އެކުލަވައިލެއްވި އިންކުއަރީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ. ކޮމިޝަންގެ މަސައްކަތްތަކުގެ ތަފްސީލު ލިބިފައިވާ ކަމަށާއި ފައިނަލް ރިޕޯޓު ލިބިލެއްވުމުން އިސްލާހުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުވި އެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިހާރު ކުރިއަށް ގެންދާ އިންކުއަރީގެވެސް ފައިނަލް ރިޕޯޓު ތައްޔާރުކުރުމުގެ މަރުހަލާގައި އޮތް ކަމަށް މައުލޫމާތު ލިބިލައްވާ ކަމަށާއި މަޖިލީހުން އެ ރިޕޯޓު ފޮނުއްވުމާއިއެކު އެއާއި ގުޅިގެން ގެންނަވަންޖެހޭ އިސްލާހުތައްވެސް ގެންނަވާނެ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.
241 ކޮމިޓީން އިންކުއަރީ ކުރިއަށް ގެންދަނީ ސަލާމަތީ ބާރުތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށެވެ. އެކޮމިޓީއަށް ސިފައިންނާއި ފުލުހުންގެ އިސް ވެރިންނާއި އެހެންވެސް ބައެއް ހަމަލާއާއި ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ.