ށ. އަތޮޅު މިލަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނީ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިލަންދޫ ކައުންސިލްގައި ޤާއިމްވެފައިވާ ކަމަށެވެ. މިއާއެކު މިލަންދޫގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ތެރޭގައި ސީދާ ރަށުން އައިޑީ ކާޑު ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
މި މަހުގެ 17 އިން ފެށިގެން ޑީއެންއާރުން ވަނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލަށްވެސް ފުޅާކޮށްފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.