މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓި މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ބެލުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކާ މި ރާއްޖޭގައި ބިރެއް ނެތި މަޖާކުރެވެން ޖެހޭނެ ކަމަށް ބުނެ އެކަން ބަޔަކު ޕްރޮމޯޓް ކުރި ކަމަށާއި އެފަދަ ބަޔަކު މިއަދު މަގުތަކަށް ނިކުމެ ޒުވާނުންނަށް އޮޅުވާލާ ޒުވާނުންގެ ހައްގުގައި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގެ ޒިންމާ ނަގަން ޖެހޭނީ ބިރެއް ނެތި މަޖާކުރުން ޕްރޮމޯޓް ކުރި މީހުން ކަމަށް ވިދާޅުވި އެވެ.
މިހާރު މި ހިނގައިގެން އުޅޭ ހިތާމެރި ހާދިސާއަށް ވިސްނާލާއިރު ވެސް މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބި ކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބިރަކާނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން
ރައީސް ވިދާޅުވީ މިއަދު ފެނިގެން ދަނީ ދިވެހި ޒުވާނުން ސިޔާސީ އޮއެވަރެއްގައި ޖައްސައިގެން މި ގައުމުގައި އޮތް އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ރީތި އާދަތަކުން ބޭރަށް ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ކަމުގެ ޝިކާރައަކަށްވެފައި ތިބި ޒުވާނުންތަކެއް ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ
ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު ޕާޓީންކަމަށް ރައީސް ވިދާޅުވި އިރު ފުލުހުން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި މިހާދިސާގައި ގުޅުން ހުރި ނުވަ މީހުން ފުރަތަމަ "ޕާޓީ ކުރުމަށް" ދިޔައީ އެމަނިކުފާނުގެ ކެބިނެޓުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާ މުހައްމަދު އަމީނުގެ ގެ ކަމަށްވާ މއ. މާންދޫގޭދެކުނުގޭގަ އެވެ. ނުވަ މީހުންގެ ތެރޭގައި އަމީންގެ ދެ ކޮއްކޮ ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެރޭ އެގޭގައި ޕާޓީ ކުރިކަމަށް ފުލުހުން ބުނާ ނުވަ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫނާއި ދާއޫދު އަހުމަދު ހިމެނެ އެވެ. މި މައްސަލައާއި ގުޅިގެން އިޒްދިޔާން މަގާމުން ވަކިކޮށް ދާއޫދު ވަނީ މިއަދު ސަސްޕެންޑް ކޮށްފައެވެ.