ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ މަގާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ.
ނަމަވެސް މިނިސްޓަރު އިހްސާން ސޯޝަލް މީޑިއާގައި އޭގެ އިރުކޮޅެއް ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ޑީސީޕީ ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ފުލުހުންގެ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު ކަމަށްވާތީ އާއި އެ ތަހުގީގުގައި މިހާތަނަށް އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޑީސީޕީ ނަވީން ކަމަށްވާތީ ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވިއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.