ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުالله ސައީދު ދިފާޢުގައި ހެކިބަސް ނުދޭން ނިންމައިފި އެވެ.
ދައުލަތުން ޔާމީންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ. މި މައްސަލައިގެ އަޑު އެހުމެއް މިއަދު ވަނީ ތާވަލްކޮށްފައެވެ. އަދި ޔާމީންގެ ފަރާތުން ހެކިބަސް ދިނުމަށް ހެކިންގެ ގޮތުގައި ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު އޮތީ ހަމަޖައްސާފައެވެ. ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތުކުރެއްވުމަށެވެ.
ނަމަވެސް އަޑުއެހުން ފެށުމުގެ ކުރިން އެ ދެ ބޭފުޅުން ކޯޓަށް ކުރި މެއިލްއެއްގައި ވަނީ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ބޭނުން ނުވާ ކަމަށެވެ.
މި ގޮތަށް އެ ބޭފުޅުން ކޯޓަށް އަންގާފައިވާތީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ޔާމީންގެ ވަކީލް ވިދާޅުވީ އެގޮތަށް އެމަނިކުފާނު ކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި މަޖްބޫރުކޮށްގެން ހެކި ބަސް ނަގަން ބޭނުންފުޅުނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ނަގަން އޮތް ރަޝީދު ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހެކިބަސް ނެގިފައެއް ނުވެ އެވެ.
އެހެންވެ ރަޝީދާއި، ޔާމީންގެ ފަރާތްޕުޅުން ދެން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ ރިޒާގެ ހެކިބަސް ނެގުން އަންނަ މަހުގެ 26 އަށް ގާޒީ ވަނީ ބަދަލުކުރައްވައިފަ އެވެ.
އެއަށްފަހު ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޖޫން 17 ގައި އަޑުއެހުމެއް ބާއްވައި، ހުލާސާ ބަޔާން އިއްވުން ޖުލައި 20 ގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.