ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު "އަންހެންވެރިންގެ ސައްލާ" ފަށައިފިއެވެ.
މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި އެ މަސައްކަތު ބައްދަލުވުން ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
މާދަމާގެ ނިޔަލަށް ބާއްވާ "އަންހެންވެރިންގެ ސައްލާ" އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
އެ ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
އެ ވުޒާރާއިން ވިދާޅުވީ އެ ސައްލާ ބޭއްވުމުގެ މަގްސަދަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުން ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުންވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.