ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރަން، އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި މީގެ ކުރިން ހުންނެވި ހުސައިން ނިޔާޒީގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ 2011 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު އޭނާ ހުންނެވީ އޮޑިޓު އޮފީހުގެ ފައިނޭންޝަލް އޮޑިޓު ޑިވިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެންނެވެ. އޮޑިޓު ދާއިރާގައި ނިޔާޒީ މަސައްކަތް ކުރައްވާތާ 15 އަހަރު ވަނީ ވެފަ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީޙުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިއަދު ފޮރުވާނެކަމަށް ބެލެވެ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި މަންފާ ލިބުނުކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވުމާއެކު އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވެފައި އޮންނަތާ މަހަކަށްވުރެއް ގިނަ ދުވަސް ވެއްޖެ އެވެ.
ޒިޔަތަކީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ހިންގި ދުވަސްވަރު އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ. 2014 ވަނަ އަހަރު ޒިޔަތު މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރު ދާއިރާއަށް ވާދަކުރަން ނިކުންނެވި އެވެ. ޕީޕީއެމް ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ ނިކުންނެވިއިރު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތަހުގީގުން ވަނީ އެނގިފަ އެވެ.
ޒިޔަތު އޮޑިޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެފައިސާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ބޮޑު ތުހުމަތެއް ކުރެވުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލިދާނެތީ އިސްތިއުފާ ދެއްވަން ނިންމެވީކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.