ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓް ހެދުމަށްފަހު އޭގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
އިންޓެލިޖެންސް އޮޑިޓްގެ ޕްރިލިމިނަރީ ރިޕޯޓު ރައީސްއަށް ފޮނުވީ މީގެ ދެދުވަސް ކުރިންނެވެ.
މި ރިޕޯޓާއި ގުޅުންހުރި އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް އެރިޕޯޓާއި ގުޅިގެން ގެންނަވަންޖެހޭ އިސްލާހުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓު ކުރުމަށް އެކަމަށް ހާއްސަ ޓީމެއް ރައީސް އެކުލަވައިލެއްވީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެޓީމުގައި ހިމެނެނީ ހަތަރު ބޭފުޅެކެވެ. ކޮމިޓީގައި އިސްކޮށް ހުންނެވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީ އައިޝަތު ނޫޝީން ވަހީދު އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އިންޓެލިޖެންސް ރިޕޯޓާއި ގުޅިގެން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އިންޓެލިޖެންސް ވަރުގަދަ ކުރަން ޖެހެއެވެ.
ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ކުރިން ނުލިބޭކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވަނީ ނަޝީދަށް ހަަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އަންގަވާފައިކަމަށް އިލިޔާސް ވިދާޅުވެ އެވެ. ފުލުހުންނަށް އެކަން އެންގެވުމަށް މާރިޔާ ލަފާ ދެއްވިކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މާރިޔާގެ ވާހަކަތައް އިލިޔާސް ދޮގު ކުރެއްވި އެވެ.
ސަލާމަތީ ބާރުތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް އިލިޔާސް ހާޒިރު ކުރެއްވި އެވެ. އެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންކަމަށް ވާތީ ކުރި ސުވާލުތަކުގެ ތަފްސީލެއް ނޭނގެ އެވެ.