އިއްޔެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވަނީ އެ ކޮމިޝަންގެ ސާވާއަށް ދިމާވި މައްސަލައެއް ޙައްލުކުރުމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބްރޯޑްކޮމްއަށް ވަދެގެން އުޅެނީ ތަޙްޤީޤެއް ކުރިއަށްގެންދިޔުމަށް ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، ފުލުހުން ރޭ ބުނީ އެ ތަނަށް ދިޔައީ ހަމައެކަނި ސާވާގެ މައްސަލަ ޙައްލުކޮށްދިނުމަށްކަމަށެވެ.
ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން އެދުމާ ގުޅިގެން ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުންގެ ޓީމެއް ބްރޯޑްކޮމްގެ އޮފީހަށް ވަދެފައިވާ ކަމަށެވެ. މިކަން ކޮށްފައިވަނީ ބްރޯޑްކޮމްގެ ރަސްމީ އެދުމަކަށް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ބްރޯޑްކޮމްގެ ބައެއް މެމްބަރުންނާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު އިއްޔެ މަސައްކަތް ހުއްޓާލައި ގޭގެއަށް ގޮސްފައިވެއެވެ. އެ މުވައްޒަފުން ހިތްހަމަނުޖެހުނީ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާއި، ބޭއިންސާފުން ކަންތައްތައް ކުރަމުންދާކަމަށް ބުނެއެވެ.
ބްރޯޑްކޮމްގައި މަސައްކަތްކުރާ ޖުމްލަ 26 މުވައްޒަފުންގެ ތެރެއިން، އިއްޔެ މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައެވެ. އަދި އެހެން ބައެއް މުވައްޒަފުން ވަނީ ސަލާމް ބުނެފައެވެ.