ޗައިނާ އާއި ރާއްޖެއިން ސަލާމަތާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ޗައިނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޮންގ ޝިއާންހުވާ ވަނީ ދާހިލީ ވަޒީރު އަލީ އިޙްސާންގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
ދާހިލީ ވުޒާރާއިން ވިދާޅުވީ މި ޒިޔާރަތުގެ ސަލާމަތާއި، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އެއްބާރުލުން ދިނުމާއި އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޗައިނާ އާއި ރާއްޖެއިން ސަލާމަތާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މަޝްވަރާކޮށްފައިވާއިރު ޗައިނާ ސަފީރު ވަނީ ފުލުހުންގެ އެކްޓިން ކޮމިޝަނާ އިސްމާއިލް ނަވީންއާ މީގެ ދެ ހަފްތާ ކުރިން ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތުން ދިވެހިރާއްޖެ އާއި ޗައިނާއަށް ވެސް އަމާން، އުފާވެރި މާހައުލެއް ގާއިމުކޮށް، އެއްބައިވަންތަ މުސްތަގުބަލެއް އެކުލެވިގެންވާ މުޖުތަމައެއް ބިނާކުރެވިދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.