މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެވުނެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ އިނާމު ދީފައިވެއެވެ. އަދި ޤައިދީންނާއެކު ވަރަށް އެކުވެރި މާހައުލެއް ގާއިމްކޮށް، ވަޒީރުންނާއި ކަރެކްޝަނަސްގެ އިސްވެރިން ވަގުތު ހޭދަކޮށްފައިވެއެވެ.
މި އެކުވެރިކަމުގެ މެޗުގައި ބައިވެރިވި އިސްބޭފުޅުންގެ ތެރޭގައި ބަންޑާރަނައިބު އަހްމަދު އުޝާމް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އަދި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްބޭފުޅުންނާއި، ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޮލިސް ސަރވިސްގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިމުބާރަތާ ބެހޭ ގޮތުން ޤައިދީން ހާމަކުރި ޝުއޫރުތަކު ތެރޭގައި މިކަން އިތުރަށް ފުޅާކޮށްދިނުމަށް އެދިފައިވާ ކަމަށާއި މިއީ ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަޖެހޭ ފުރުސަތެއް ކަމަށާއި، މިފަދަ ޕޮރޮގްރާމް ތަކުން އެމީހުން ރަގަޅުވުމުގެ ވަރަށް އުއްމީދުތަކެއް އާވާކަމަށާއި ހިތްވަރު ލިބޭކަން ހާމަކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޤައިދީންގެ އާއިލާތަކުން ވެސް ވަނީ ޒިޔާރަތްކޮށްފައެވެ.