އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ހަމްދަރުދީ ފާޅުކުރައްވައިފި އެެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިންޑިއާ އާއި އެ ގައުމުގެ ރައްޔިތުންނާ އެކު ރާއްޖެ އިން ދިވެހިން ތިބި ކަމަށެވެ.
އެއާ އިންޑިއާގެ ބޮއެން 8-787 މަރުކާގެ ބޯޓް ވެއްޓުނީ އަހުމަދުއާބާދު އެއާޕޯޓް ލަންޑަށް ދާން ދަތުރު ފެށިތާ ފަސް ވަރަކަށް މިނިޓްގެ ތެރޭގަ އެވެ. ބޯޓްގައި ޖުމްލަ 242 މީހުން ތިއްބެވެ. އެއީ 230 ޕަސިންޖަރުންނާއި 12 ފަޅުވެރިންނެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިން ވެސް ހިމެނެ އެވެ.
މީހުން ދިރިއުޅޭ ސަރައްހަދުގެ މެޑިކަލް ކޮލެޖެއްގެ މައްޗަށް ބޯޓް ވެއްޓުނު އިރު، އެއިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހަކާއި އިނގިރޭސިވިލާތުގެ 53 މީހަކާއި ޕޯޗްގީޒްގެ ހަތް މީހެއްގެ އިތުރުން ކެނެޑާގެ މީހެކެވެ.
ބޯޓުން ދަތުރުކުރި އެންމެން ވެސް މަރުވެފައިކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށް ދީފައިވާ އިރު، ބޯޓް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.