ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ޝަހީދުކޮށްލީ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީ ކަމަށެވެ.
"ޑރ. ޢަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މި އޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ،" އޭނަ ވިދާޅުވި އެވެ. "ޑރ. މަޖީދު ބަޔަކު ޝަހީދުކޮށްލީ."
ޑރ. ބާރީ އަވަހާރަވިތާ އެތައް އަހަރެއް ފަހުން އިމްރާން މިފަދަ ތުހުމަތެއް ކުރެއްވި އިރު، ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން މިފަދަ އެއްވެސް ތުހުމުތަކެއް މީގެ ކުރިން އެއްވެސް ފަރާތަކުންކޮށްފައެެއް ނުވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. ބާރީ އަވަހާރަވީ މެއި 22، 2018 ގައި ސްރީ ލަންކާގަ އެވެ.