ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން ސަފީރު ކޮންގް ޝިންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ބަދަލެއް ގެނެސް، ދިވެހީންގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ. އަދި އެއީ އިންޖިނިއަރިންގ ދާއިރާއިން ހޯދުނު އަޖައިބެއް ފަދަ ބޮޑު ކާމިޔާބެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވެފައިވަނީ، އިންޖިނޭރުންނަކީ ހަމައެކަނި ބިނާތަކާއި ބޮޑެތި އިމާރާތްތައް ކުރާ ބައެއް ނޫން ކަމަށާއި، އިޤްތިސާދު ބަދަލުކޮށްލާ މިފަދަ މަޝްރޫޢުތައް ހަޤީޤަތަކަށް ހަދައިދީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހައާއި ކުރިއެރުން ހޯދައިދޭ ބައެއް ކަމަށެވެ. އަދި އިންޖިނޭރުންނަކީ އިޙްތިރާމާއި ފުރިހަމަ ޤަދަރު ޙައްޤު ބައެއްކަން ފާހަގަކުރައްވައި، ރައީސްގެ މި ނިންމެވުމަށް ތަޢުރީފު ކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ އަޖައިބުކުރަނިވި މަސައްކަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.