ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ޞިއްޙީ ނިޒާމަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުތެރެއިން މެޑިސިން އިމްޕޯޓާސް ފޯރަމް ބާއްވައިފި އެވެ.
އިއްޔެ ބޭއްވި މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭސް ލިބުމުގައި ހުރި ދަތިތައް ދެނެގަނެ މިކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އިދާރާތައް އަދި ބޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމެވެ.
މެޑިސިން އިމްޕޯޓާސް ފޯރަމް ބޭއްވީ ހެލްތު އަބްދުއްﷲ ނާޒިމްގެ އިސް ނެގުވުމުގެ ދަށުން މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީން އިންތިޒާމުކޮށްގެންނެވެ. ފޯރަމްގައި ރާއްޖެ އަށް ބޭސް އެތެރެކުރަން ރަޖިސްޓްރީވެފައިވާ 22 ކުންފުންޏަކުން 44 އޮފިޝަލަކު ބައިވެރިވި އެވެ. މީގެ އިތުރުން ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ވެސް ފޯރަމްގައި ބައިވެރިވި އެވެ.
ފޯރަމްގައި ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.