ނ. އަތޮޅު ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު، އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި އިތުރު އެއާޕޯޓުތައް ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައެޅުއްވިއިރު، ވިހަފަރު ފަޅަކީ އޭގެ ތެރެއިން އެއް ތަނެވެ.
ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ އޮންނަ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓްތައް ގާއިމުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރާ ބެޗުގައި ހިމަނުއްވާނޭ މަސައްކަތްތައްވެސް ހާމަކުރައްވާފައެވެ. އެ ގޮތުން، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ހިއްކެން އޮތް މިންވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި، ފުޓްސަލް އަދި ހޭންޑްބޯލް ދަނޑުގެ މަސައްކަތްތައް ކުރުމަށް، އެ ބެޗުގައި ސޮއިކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހޮޅުދޫ މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ރިންގް ރޯޑްގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި، އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.