ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ހެފި ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީ ހުޅުވައިފި އެވެ.
ފެސިލިޓީ ހުޅުވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާނެވެ.
މި ފެސިލިޓީއަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމުކުރާ ފެސިލިޓީއެކެވެ. ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭ ގޮތުން ކިޔެވުމުގެ ފުރުޞަތު އޮންނާނެ އެވެ.
މީގެ އިތުރުން ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކައުންސެލިން އާއި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށް ދިނުމާއި އިސްލާމީ ކައުންސެލިން ދިނުމާއި ލައިފް ސްކިލްސް ކިޔަވައި ދޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ޤާއިމް ނުވެ އޮތް ޖުވެނައިލް ލޯންގް-ޓާމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޒު ކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.
ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަން ޖެހޭ ކުޑަކުދިންނަށް ޚާއްސަކޮށް ޤާއިމްކުރި “ޖުވެނައިލް ޑިޓެންޝަން ސެންޓަރު” ޖެނުއަރީ 30، 2022 ގައި ހުޅުވައި އަންނަނީ ހިންގަމުންނެވެ.