ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ނަފުރަތުގެ ކުށް ކަނޑައަޅާ ބިލުގެ ސަބަބުން މުޖުތަމައު އިތުރަށް ބައިބައިވެ ރައްޔިތުންގެ މެދުގައި އިތުރަށް ނަފުރަތު އުފެދި ގައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ދެކޭ ކަމަށާއި އެއް އުއްމަތެއްގެ ގޮތުގައި މި އޮތް ދިވެހި ގައުމުގެ ހަމަޖެހުން ނެތިގެންދިއުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އެ ކޯލިޝަނުން ދެކޭގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވައިދު ނެތިގެން ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެކޯލިޝަނުން އަބަދުވެސް ވަކާލާތުކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށްވެސް ބުނެފައިވެއެވެ.