އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި "ލޫޓުވައިފި, ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވި، އެ ޕާޓީގެ މެންބަރަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން ހާޓް އެޓޭޖެއް ޖެހި އޭނާ އަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އެތައް ސަތޭކަ ބަޔަކާއެކު, އާޓިފިޝަލް ބީޗުގައި މިރޭ 21:00 ކަންހާއިރު ފެށި އެއްވުމުގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ދާން އުޅުމުން, ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. ފުލުހުން ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން އުޅުނީ ހުއްދަ ދީފައިވާ ރޫޓުން ނޫން ކަމަށެވެ.
އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި އުކާފައިވާ ކަމަށާއި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންމުޒާހަރާ ރޫޅާލަން ޕެޕާ ސްޕްރޭ ވަނީ ޖަހާފަ އެވެ.
އެމްޑީޕީން މުޒާހަރާ ފެށީ މިރޭ 08:30 ގައި އާޓިފިޝަލް ބީޗުންނެވެ. މުޒާހަރާ ނިންމާލީ ދަންވަރު 12:00 ޖެހި ފަހުންނެވެ.