ރޭ އެމްޑީޕީން ކުރި މުޒާހަރާގައި އައްޑޫ ސިޓީ ކައުންސިލަރު ހުސައިން ޒަރީރު ދޫކޮށްލައި ހައްޔަރު ކުރި އަނެއް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ޒަރީރުގެ އިތުރުން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
- މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
- ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު
- ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން
- ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް
- ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ
އެ މީހުންގެ ތެރެއިން ބަންދު ނުކޮށް ދޫކޮށްލީ މުހައްމަދު ހަލަފް އިބްރާހިމެވެ. އެނގިފައިވާ ގޮތުގައި، ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.
މުޒާހަރާގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެމްޑީޕީން ބުނެ އެވެ. ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން އެމްޑީޕީން ފާހަގަކުރިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެއްވުން ކުރިއަށް ގެންދަން އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.