ފުވައްމުލަކުގެ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެން ކަަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ހަވީރު ނެރުނު ކުރު ބަޔާނެއްގައި ބުުނީ ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެނުގެ ސާމްޕަލް ނައި ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުލީލުތަކުގެ ނަތިޖާ ދައްކާ ގޮތުން ފުވައްމުލަކަށް މިހާރު ދޫކުރަމުން އަންނަ ސަޕްލައި ފެނަކީ ޑަބްލިއެޗްއޯގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
ފުވައްމުލަކުގެ ފެނަަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން އިއްޔެ ފެން ދޫކުރަން ފެށުމާ ގުޅިގެން ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިން މިހާރު ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައު އެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ފެނަކަ އިން ފެން އުފައްދާ ފެން ޕްލާންޓަށް ޒިޔާރަތްކޮށް ފެނުގެ ރައްކާތެރިކަމާ މެދު ފެނަކައިގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނާ ގުޅިގެން ފުވައްމުލަކު ކައުންސިލުން ބުނީ ފެނަކަ އިން މިހާރު ދޫކޮށްފައިވާ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން ބުނެފައިވާ ކަމަށެވެ.
"ފުވައްމުލައް ސިޓީގެ ރައްޔިތުން ބުއިމަށާއި ޢާއްމު ބޭނުންތަކަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ދާއިމީ ގޮތެއްގައި ޔަޤީން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކައުންސިލުން ދަނީ ކުރަމުން." ކައުންސިލުން ބުންޏެވެ.








