ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ބެލްޖިއަމަށް ފުރާވަޑައިގެންފިއެވެ.
ރޭގެ ވަގުތެއްގައި ހަލީލު، ބެލްޖިއަމްއަށް ފުރާވަޑައިގެންނެވީ ހައި-ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދައުވަތަކަށް ހަތަރުވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ކުރިއަށްގެންދާ އެ ފޯރަމަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެ ފޯރަމްގެ ތެރެއިން "ކޮމަން އެންޑޭވާސް ފޯ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗާ" ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި މިނިސްޓަރު ހަލީލު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ ފޯރަމްގެ ހަވާސާގެ ތެރެއިން ރަހުމަތްތެރި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ހަލީލު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ.








