ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ބާއްވާ ޓެލެތޯން ހުއްޓާނުލައި، މާދަމާގެ 14:00އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯން އެއް ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. އޭރު މި ޓެލަތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 1 ޖެހުމާހަމައަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯން ހުއްޓާ ނުލާ މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
މި ޓެލެތޯންއަށް މިހާތަނަށް 3.24 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި 38،531އަށްވުރެ ގިނަ ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. އޭގެތެރޭގައި، އެކި އިދާރާތަކާއި ޖަމިއްޔާތަކުން ހަދިޔާކުރި ފައިސާތައް ހިމެނެއެވެ. އެގޮތުން، ބައެއް ކުންފުނިތަކުން އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރަމުންނެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިހާތަނަށް ވަނީ 2.3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި އަދި ޑޮލަރު އެކައުންޓަށް ވަނީ 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ. މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްގެ އިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.








