ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި އެވެ.
ހައިކޮމިޝަނަށް ބުނީ ސްރީލަންކާގެ ކޮލަމްބޯގެ މާލަބޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތާށިވެފައިތިބި ދިވެހި 3 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އެ އާއިލާތަކުގައި ކުޑަކުދިން ހިމެނޭހެން 12 މީހުން ތިބިކަމަށާއި އެހީތެރިކަން ފޯރުކޮށްދިން އާޢިލާތައް އެމީހުންގެ އާއިލާގެ މީހުންނާއި ރައްޓެހިންގެ ގެތަކަށާއި އަދި އެއް އާޢިލާއެއް އެމީހުން އަމިއްލައަށް ހޮޓަލަކަށް ބަދަލުވެފައިވާކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އެ ތޫފާނާ ގުޅިގެން އިއްޔެ ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހީން ސަމާލުވާން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
ސަމާލުވުމަށް އިރުޝާދުދީފައިވާ ކަންކަން:
- އަސާސީ ނޫން ދަތުރުތައް، ހާއްސަކޮށް ފެންބޮޑުވާ ސަރަހައްދުތަކަށް ދިއުން ހުއްޓާލުން
- ބޯކޮށް ވާރޭ ވެހި، ވައި ގަދަވާ ވަގުތުތަކުގައި ގޭތެރޭގައި ތިބުން
- މޫސުމާބެހޭ އިދާރާތަކުން ދޫކުރާ މައުލޫމާތުތަކަށް ސަމާލުކަން ދިނުން
- ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، މޮބައިލް ފޯނު ޗާޖުކޮށްފައި ބެހެއްޓުން
- ޕާސްޕޯޓާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފަސޭހައިން ލިބޭނެ ގޮތަށް ބެހެއްޓުން
- ފެންގަނޑު މަތިވުމުގެ ސަބަބުން ކޯރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށް އަދި ބޭރުގެ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ މީހުން ސަމާލުކަން ދިނުން
- ތިރި ހިސާބުތަކުގައި ނުވަތަ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ނަމަ، ރައްކާތެރި ތަންތަނަށް ބަދަލުވުމަށް
އެމްބަސީން ބުނީ އެހީތެރިކަން ބޭނުން ނަމަ، ހޮޓްލައިން ނަމްބަރު 6666 881 76 94+ އަށް ގުޅުމަށް ނުވަތަ [email protected] އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލަތު އެމްބަސީން ބަލަމުންދާނެ ކަމަށާއި އަދި ބޭނުންވާ ހާލަތްތަކުގައި އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް އެމްބަސީން ބުންޏެވެ.








