ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.
ޕީޖީ އޮފީހުން ބުނީ ސަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. އެގޮތުން މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.








