ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައި ވަނީ "ބަލްމާ-6" ނަމަކަށް ކިޔާ ބޯޓެކެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާއިރު، އަނެއް ދެ މީހުން ފެނިފައި ނުވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ކޯސްޓްގާޑުން ދަނީ ގެއްލުނު ދެ މީހުން ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.








