ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗް (ސީއައިއެފްއޯއާރު-އައިސީއާރުއޭއެފް) ގުޅިގެން، ދިވެހިރާއްޖޭގެ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ.
މި ޕޮލިސީ ހަވާލުކޮށް ދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ވޯލްޑް އެގްރޯފޮރެސްޓްރީ، ޑރ. އެލިއަން އުބަލިޖުރޯ އެވެ. އަދި މި ވުޒާރާގެ ފަރާތުން ޕޮލިސީއާއި ހަވާލުވެ ވަޑައިނެވީ، ވަޒީރު ޑރ. މަރްޔަމް މާރިޔާއެެވެ.
މިނިސްޓްރީން ބުނީ މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ބަޔާންކުރެއެވެ. ޚާއްޞަކޮށް، ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ ބޭނުމެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. އެގޮތުން މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރެވޭނެއެވެ.
މިނިސްޓްރީން ބުންޏެވެ.








