ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ތ. ތިމަރަފުށި / ކަށިމާގެ، އުމުރުން 33 އަހަރުގެ މުޙައްމަދު ޙައްސާން އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައި ވަނީ، ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ޙައްސާން ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. އެހެންނަމަވެެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.
ޙައްސާން ހޯދަމުން ދަނީ މި މައްސަލައިގެ ތުހުމަތުގައި ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 14:00އަށް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް އޭނާ ހާޒިރު ވުމަށް އެ އިއުލާނުގައި ފުލުހުން އަންގާފައި ވެއެވެ.








