މި އަހަރުގެ ސިފައިންގެ ދުވަހުގެ ހިނގާލުން އަންނަ މޭ މަހުގެ 2 ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރު ވެސް ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެ މުއައްސަސާއިން ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލު 21 ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުން ކަމަށާއި، މާލޭގައި މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށީގައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މޭ 2 ވަނަ ދުވަހު ކަމަށާއި، އެ ދުވަހުގެ ހަވީރު 16:15ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށްދާނެ ކަމަށެވެ.
އަދި މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާވެސް މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށާއި، މި ޖަލްސާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.







