ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުގެ ހުރުމަތް ކަނޑާލީކަމަށް އަމިއްލަފުޅަށް ނިންމަވައި އެމަނިކުފާނުގެ އެންގެވުމަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާންބޭރުކޮށްލައިފި އެވެ.
އޭނަ ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކުރީ އަދަދު ނޫހުން ރައީސްގެ މައްޗަށް ގަޒްފުގެ ތުހުމަތުވާ ގޮތަށް ގެނެސްދިން ޑޮކިއުމަންޓަރީ އަށް ވާހަކަ ދެއްކި ކަމަށް ބުނާ ރައީސް އޮފީހުގެ ކުރީގެ މުވައްފަޒަކަށް ރައީސް ފޯނުން ގުޅުއްވި ކަމަށް ބުނެ، ސުވާލު ކުރުމާ ގުޅިގެންނެވެ.
ޝަހްޒާންގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ނޫސްވެރިޔާ ވަނީ އެ މައްސަލައިގައި ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ ނޫސްވެރިޔަކަށް އެތަނުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވި އެވެ.ރައީސް މުޢިއްޒު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ނުވަތަ މައުލޫމާތު ހާމަކުރުން މަނާކޮށް ނެރެފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވިއެވެ.
އެއާ އެކު ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހާޒްން ނޫސްވެރިންގެ ބައްދަލުވުން އޮތް ތަނުން ބޭރުކޮށްފަ އެވެ.
މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.
ކްރިމިނަލް ކޯޓުން ވަނީ އަދަދު ނޫހުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ރޭ އަމުރެއް ނެރެފައެވެ.
މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ. އެ އަމުރުގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.








