އަދަދު ނޫހުގެ ނޫސްވެރިއަކު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އެ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަދަދު ނޫހުގެ ނޫސްވެރިއާ ލީވާން އަލީ ނާސިރަށެވެ. ލީވާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ކޯޓުން ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ލީވާން ހާޒިރުކުރަނީ އިއްޔެ އަދަދު ނޫހުގައި ލިޔެފައިވާ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންނަށް އަމުރުކޮށްފައިވާ ކަމަށް ބުނެ ލިޔެފައިވާ އާޓިކަލަކީ އެ ކޯޓުން ނެރެފައިވާ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" އާ ހިލާފަށް ލިޔެފައިވާ އާޓިކަލެއްތޯ ބެލުމަށްޓަކާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ގެ ދަށުން ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ހިނގަމުންދާ ޝަރީއަތަކާއި ބެހޭގޮތުން މައުލޫމާތެއް އާންމު ކުރެވޭނީ ގަވާއިދާ ޚިލާފުނުވާގޮތަށް ކަމަށެވެ. އެ ގަވައިދުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ "ހިނގަމުންދާ ޝަރީޢަތަކާ ބުރަވެ އިންސާފުވެރިކަމާއި ތެދުވެރިކަން އެއްކިބާވެ އަދި ޤާނޫނާ ޚިލާފަށް މަޢުލޫމާތެއް ޢާންމުކުރުމަކީ މަނާކަމެކެވެ."
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އާންމުންނަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
ޑޮކިއުމެންޓްރީ މައްސަލައިގައި"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ޖިނާއީ ދައުވާއެކެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.








