މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (43އ) އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި، ޢާއިޝަތު ރިޒްނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 10 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ނައިފަރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.








